ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ އެ އިދާރާއިން ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގެ ތެރޭގައި ފޮރުވާފަ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

“ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން،” އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެ ފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން ކަމުގަ އެވެ.

Leave a Reply