އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

ޝަހީމް އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފައި ވަނީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އަދާލަތު ޕާޓީގެ ފަރާތުން އެންމެ ފުރަތަމަ އޭނާ ކެބިނެޓަށް ހުވާކުރި ދުވަހުގެ ފޮޓޯއަކާ އެކު ކުރެއްވި އެ ޕޯސްޓުގައި ޝަހީމް ވިދާޅުވީ އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެެވެ.

“މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން،” ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

އިސްލާމިކް މިނިސްޓަރުގެ މަގާމަށް އެންމެ ފުރަތަމަ ޝަހީމް އައްޔަންކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ މަގާމަށް އޭނާ އައްޔަންކުރައްވާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ޝަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. ދެ ވަނަ ދައުރަކަށް ޔާމީން ވާދަކުރެއްވިއިރު، ރަނިންމޭޓެއްގެ ގޮތުގައި ހިޔާރުކުރެއްވީ ޝަހީމެވެ.

ޝަހީމްގެ ނިންމެވުމަށް އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިން ގެންދަނީ މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިލްމުވެރިންގެ މަޖިލިސްގެ ރައީސް ޝައިހް އިލްޔާސް ހުސައިން އަދި އެ މަޖިލިހުގެ މެމްބަރު ޝައިހް ހުސައިން އަންސާރު އާއި ޝައިހް މުހައްމަދު އަނިލްގެ އިތުރުން އެ ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސް ޑރ. މުހައްމަދު އިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

Leave a Reply