މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފި އެވެ.

ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ދަތުރު ފަށާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ދިވެހި ހައްޖު މިޝަނުން ބުނީ މައްކާ ގަޑިން 3:30 ވީއިރު، ދިވެހި ހުރިހާ ހައްޖުވެރިންނަށް އަރަފާތު ޓެންޓުތަކާ ހަމައަށް ދެވިފައިވާ ކަމަށެވެ.

ހުރިހާ ހައްޖުވެރިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ އަރަފާތުގައި ގާއިމުކޮށްފައިވާ ޓެންޓުތަކުގައި ކަމަށް އެ މިޝަނުން ބުންޏެވެ.

މި އަހަރު ރާއްޖެއިން އެއްހާސް މީހުން ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފަ އެވެ. ހުރިހާ ހައްޖުވެރިން ވެސް ދިޔައީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.

ހައްޖު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް ދުވަހުގެ އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.

އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރާނެ އެވެ. މުޒްދަލިފާގައި ރޭ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ހަދްޔު ކަތިލާނެ އެވެ. އެއަށްފަހު މިނާގައި ރޭ ކުރުމަށްފަހު، ތިން ޖަމްރާއަށް ހިލަ އުކާނެ އެވެ.

އެއަށް ފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާ ކުރުމާއި ސަފާ ފަރުބަދަ އާއި މަރްވާ ފަރުބަދަ އާ ދެމެދު ސައުޔު ކުރުމަށެވެ. ހައްޖުވެރިންގެ އެންމެފަހު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

Leave a Reply