މޯލްޑިވްސް އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް، ހައްޔަރުކުރީ ޒާތީ މައްސަލައެއް އޮވެގެން ނޫން ކަމަށާއި ގާނޫނާ ހިލާފުވެގެން ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރެ އެވެ. ފަނަރަ ދުވަހުގެ ބަންދަކަށް ފަހު، މިހާރު އޭނާ ހުރީ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ދެ ބަންދުގެ އަމުރު ޝަމްއާނުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ. މައްސަލަ ބަލައިގަނެ، އިސްތިއުނާފުގެ ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދު ޖަލްސާއަށް އިހުސާން ހާޒިރުކޮށް ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ޝަމްއާނުގެ ބަންދާ ގުޅޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކީ “ޝަމްއާން ވާނުވާގައި ޖަލުގައި ހޭދަކުރާ ދުވަސްތަކަށް މަނިކުފާނާ ގުޅޭގޮތުން މަނިކުފާނުގެ ދެ ބޭފުޅުންގެ ޒާތީ ކަމަކާ ގުޅުވައިގެން ރަށު ތެރޭގައި ވާހަކަ ދެކެވޭތީ އެއީ އެގޮތަށް ހިނގާ ކަމެއްތޯ،” އެވެ.

ޖަވާބުގައި އިހްސާން ވިދާޅުވީ ޝަމްއާން އާއެކު އޮތް ގުޅުން ރަނގަޅު ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތް ކުރަމުން ދިޔައީ އެކުއެކީގައި ކަމަށެވެ.

“ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރި ގޮތުން އަޅުގަނޑުމެން ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު. އެނގިވަޑައިގަންނަވާނެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަޅުގަނޑުމެން ދެ މީހުން މަސައްކަތްކުރީ އެއްކޮށް. ވަރަށް ރަނގަޅަށް،” އިހްސާން ވިދާޅުވި އެވެ.

އެހެންނަމަވެސް ގާނޫނާ ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ހިސާބުން އެ މީހަކާ މެދު މި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އަދުގެ ސަރުކާރުގައި އެއްވެސް ބޭފުޅަކު ގާނޫނާ ތައާރުޒުވާ ހިސާބުން އެ ބޭފުޅަކަށް އަޅުގަނޑުމެން އިސްތިސްނާ ހާލަތެއް ނުއެއް ދޭނެ. އެކަން ރައީސް މުއިއްޒު އެ ދައްކަވަނީ ސާބިތުކަމާ އެކު. ގާނޫނު އެ މީހަކަށް ފުށުއަރާ ހިސާބުން އެ އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާތަކުން އަޅާނެ،” އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅާއިރު އެއީ އެމަނިކުފާނު ވިޔަސް އަދި އެހެން މީހަކު ކަމުގައި ވިނަމަވެސް އެކަމަށް ނުބަލާނެ ކަމުގަ އެވެ. މައްސަލައެއްގެ ތުހުމަތު ކުރެވޭ ހިސާބުން ފިޔަވަޅު އަޅާއިރު، ވަކި މީހަކު ތަފާތު ނުކުރާނެ ކަމަށާ އަދި އެ މީހަކު އެއިރަކު ހުންނަ މަގާމަށް ނުބަލާނެ ކަމުގަ އެވެ.

“އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެންނެއް ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހަކުތޯ، ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމާ ގާނޫނު ތަންފީޒުކުރަމުންދާއިރު، އެ މީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނެ،” އިހްސާން ވިދާޅުވި އެވެ.

ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިނަމަވެސް އެ މީހާގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ތުހުމަތެއް ކުރެވޭ ނަމަ އެ މައްސަލައެއް ފުލުހުން ބަލާނެ ކަމުގަ އެވެ. މައްސަލަ ތަހުގީގު ކުރާނީ ފުލުހުންނަށް ލިބިފައިވާ ހުރިހާ ބާރަކާއި އިހުތިޔާރަކާ އެކުގައިކަން ފާހަގަކުރެއްވި އެވެ.

އެކަމުގައި ވަކި މީހަކު ވީތީ އިސްތިސްނާއެއް ނުކުރާނެ ކަމަށާ އަދި މި ސަރުކާރުން މީހަކު ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

“މިހާރު ބެލެމުންދާ މައްސަލައިގައި ވެސް އެ އާއިލާއަށް ވެސް އަޅުގަނޑު ކަށަވަރުކަން އަރުވަން އަޅުގަނޑުމެން އެއްވެސް ފަރާތެއް ފްރޭމްއެއް ނުކުރާނެ. ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ ހުރިހާ ރައްކާތެރިކަމެއް ވެސް އެ ފަރާތަށް ލިބޭނެ. ހަމައެއާއެކު ގާނޫނު އެ މީހަކާ އަރާ ހަމަކުރަން ޖެހޭނެ ހުރިހާ ދިމާލަކުން އަރާ ހަމަކުރާނެ،” އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝަމްއާނުގެ މައްސަލަ އާ ގުޅުންހުރި ތަފުސީލުތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާ ހިސާބުން އާންމުކުރާނެ ކަމަށެވެ. މާދަމާގެ ވަގުތެއްގައި އެ މައުލޫމާތު ފުލުހުން އާންމުކުރާނެކަން ފާހަގަކުރެއްވި އެވެ.

މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ ރެއިޑްކުރި އިމިގްރޭޝަނުގެ އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓުގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މައްސަލަ އާ ގުޅިގެން ޝަމްއާނު ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ.

Leave a Reply