
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދުގެ އެހީގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫޢު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު ހަވީރު 17:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މަޝްރޫއު އިފްތިތާހުކޮށް ކުރުމަށްޓަކައި ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ މި ޙަރަކާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ވަފުދުގައި ވަޑައިގެންނެވި ބޭފުޅުންނާ އެކު ޚާއްޞަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުހިންމު ކަންތައްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު އިސްލާމީ މަރުކަޒަށް، ރޯދަ ވީއްލުމުގައި ބައިވެރިވުމަށްޓަކައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. ކޮންމެ ރަމަޟާން މަހަކަށް ސައުދީ ސަރުކާރުގެ އެހީގައި ރާއްޖެއަށް ކަދުރު ވެސް ހަދިޔާ ކުރެއެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































