92،000 ރުފިޔާގެ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށް، ބޮޑު އަގުގައި ސައިކަލެއް ހޯދާފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލދޭޝް / ސޮލައިމާން އާމިރު (23އ) ކަމަށެވެ.

މަކަރާއި ހީލަތުގެ މި ވިޔާފާރީގެ މުއާމަލާތް އޭނާ ކޮށްފައި ވަނީ ވައިބަރ މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސާވިސް ސެންޓަރެއްގެ މުވައްޒަފުންނާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ސައްހަ ނޫން ސްލިޕް އެ ސެންޓަރަށް ޓްރާންސްފަރކޮށް، އޭ.ޑީ.ވީ 160މޮޑެލްގެ ހޮންޑާ ސައިކަލެއް ހޯދާފައިވާ ކަމަށާއި މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ 2026 މާރިޗު 26ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply