
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަހުމަދު މުހައްމަދު(ޓޫފޯ) އައްޔަނުކޮށްފިއެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އަހުމަދު އައްޔަނުކުރެއްވިކަން ހާމަކޮށްފައެވެ.
އަހުމަދު އެ މަގާމަށް އައްުޔަނުކުރުމުގެ ކުރިން ހުންނެވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ. އަދި އޭގެ އިތުރުން ވެސް ފުލުހުންގެ ހިދުމަތުގައި އޭނާ ވަނީ މުހިންމު މަގާމުތައް އަދާކުރައްވައިފައެވެ.
ނަވާރަސަތޭކަ ނުވަދިހަ ފަހަކުން ފެށިގެން ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ އަހުމަދު ވަނީ ޝަރީއާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފައެެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.
އަހުމަދުއަކީ މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ.
މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ޝުޖާއު ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































