ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރުމުގެ ސަބަބުން 5 ކުންފުންޏެއް ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން ސަސްޕެންޑްކޮށް (ބްލެކްލިސްޓްކޮށް)، އެ ކުންފުނިތަކަށް ސަރުކާރުގެ ޓެންޑަރުތަކުގައި ބައިވެރިނުވެވޭ ގޮތަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީ ބުނީ މި ކުންފުނިތައް ސަސްޕެންޑްކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުންނެވެ.

ބްލެކްލިސްޓް ކުރެވުނު ކުންފުނިތައް :

ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – މި ކުންފުނި ވަނީ ދެ މަޝްރޫއަކާ ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. އެއީ ރ. އަލިފުށީ އަދި ވ. ކެޔޮދޫގައި އިމާރާތްކުރަން ހަވާލުކުރި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމާފައި ނުވާތީއެވެ. މި ކުންފުނީގެ ސަސްޕެންޝަން މުއްދަތު 2027 އޯގަސްޓް 29ގެ ނިޔަލަށް ދެމިގެންދާނެއެވެ.

ފައިން ބިލްޑާސް ޕްރައިވެޓް ލިމިޓެޑް – ށ. ނޫމަރާ ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނިންމާފައި ނުވާތީ، މި މަހުގެ 3ވަނަ ދުވަހުން ފެށިގެން 2027 ފެބްރުއަރީ 2އާ ހަމައަށް މި ކުންފުނި ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކީވާން މެޑިކަލް ޕްރައިވެޓް ލިމިޓެޑް – ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޑެންޓަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަޝްރޫއު ނިންމާފައި ނުވާތީ، މި ކުންފުނި ވަނީ 2026 ފެބްރުއަރީ 24އާ ހަމައަށް ބްލެކްލިސްޓް ކޮށްފައެވެ.

ގެދޮރު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް – ނ. ލަންދޫ މާބަދިގެ ސައިޓް މިއުޒިއަމްގެ މަސައްކަތް ނުނިންމުމުގެ ސަބަބުން، މި ކުންފުނި ވަނީ 2026 އޭޕްރީލް 23އާ ހަމައަށް ސަސްޕެންޑް ކޮށްފައެވެ.

ޝާދު – ދަ ބިލްޑާ – ތ. ދިޔާމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމްގެ މަސައްކަތް ނުނިންމުމުގެ ސަބަބުން، މި އަމިއްލަ ފަރުދުންގެ ވިޔަފާރި ވަނީ 2026 އޯގަސްޓް 18އާ ހަމައަށް ބްލެކްލިސްޓް ކޮށްފައެވެ.

Leave a Reply