
ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
ޓޫރިޒަމް ސިނާއަތު ކުރިއެރުވުމަށް “ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް “ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް “ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ”ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.
އެހެން ނަމަވެސް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
މެމްބަރުކަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭއިރު އެ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި އެ އޮފީހުގެ ވެބްސައިޓުން ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
“މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އީމެއިލް [email protected]މެދުވެރިކޮށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުންނެވެ.” ރައީސް އޮފީހުން ބުންޏެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































