ތެލެސީމިއާ ސެންޓަރުން ދެވޭ ޚިދުމަތްތައް ހުކުރު ދުވަހު ވެސް ލިބޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1994ވަނަ އަހަރު ޑިސެމްބަރ 29ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވާ ކަމަށެވެ.

ނަމަވެސް، 20 ފެބްރުވަރީ 2026ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތްދޭން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަހުގެ 20ވީ ހުކުރު ދުވަހު ވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން އެ ސެންޓަރުން ލޭހަދިޔާކޮށްފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަމަޟާން މަސް ނިމުމުން ވެސް، ހުކުރު ދުވަސްތަކުގެ ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެ ކަމަށާއި މި ކަމުގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށް ވެސް ލޭ ހަދިޔާކުރަން ފަސޭހަވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply