ފުލުހުންގެ ޚިދުމަތުގެ ހިންގުން، ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އިއްޔެ ވަނީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވައިފައެވެ. އެހެންކަމުން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ، އެ ޚިދުމަތުގެ ހިންގުން ވަގުތީ ގޮތުން ހިންގަވާނީ ފަރުހާދު ކަމުގައި ކަނޑައަޅުއްވައިފައެވެ.

ނަވީން ރިޓަޔާކުރައްވާފައި ވަނީ ގާތްގަނޑަކަށް 32 އަހަރުގެ ހިދުމަތަށް ފަހުއެވެ. ރިޓަޔާ ކުރެއްވުމަށް ފަހު އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެހާ ދިގު މުއްދަތަކަށް ފުލުހުންގެ ހިދުމަތަށް ހިދުމަތް ކުރެއްވުނީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި، މުއައްސަސާއަށް އޮތް އިތުބާރާއި، ގައުމު ދެކެ ވެވަޑައިގަންނަވާ ލޯބި އެގޮތުގައި އޮތުމުން ކަމަށެވެ.

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވުމަކީ ލިބުނު ފަހުރެއް ކަމަށް ވެސް ނަވީން ވިދާޅުވެފައިވެއެވެ.

ސީޕީގެ މަގާމަށް ނަވީން އައްޔަން ކޮށްފައިވަނީ މި ދިޔަ އަހަރުގެ ޖޫން މަހުއެވެ. އެއީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމުންނެވެ.

Leave a Reply