
ފުޅިފުޅިއަށް އަޅައިގެން ބަނގުރާ ވިއްކަމުން ދިޔަ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު ބަނގުލަދޭޝްއަށް ނިސްބަތްވާ މެހެދީ ހަސަން ރާނާ، (25އ) ހައްޔަރުކުރީ ހުޅުމާލެ ފޭސް އެކަކުން ނެވެ. މެހެދީގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ބަލާ ފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 26ފުޅި އޭރު ފެނުނެވެ.
އެ މައްސަލައިގައި މެހެދީގެ ބަންދަށް 20 ދުވަސް ޖެހިއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ކޯޓުންވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިދީފަ އެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މެެހެދީއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީއެއް ކަމަށާއި އެހެންވެ އޭނާ ފިލުމުގެ ފުރުސަތުވެސް އެބަ އޮތެވެ.
މެހެދީގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެެއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































