
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ށ. ފުނަދޫގައި އަޅާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުނަދޫގައި ތަރައްގީކުރާ އެ ޓިވެޓް ސެންޓަރުގައި، އެކި ފަންނުތައް ދަސްކޮށްދޭ، އެކި ލެވެލްގެ ޓެކްނިކަލް ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި އެ ޕްރޮޖެކްޓަކާ އެކު ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާ އެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
އެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
17,500 އަކަފޫޓުގެ ބިމުގައި ފުނަދޫގައި ބިނާކުރާ އެ އިންސްޓިޓިއުޓަކީ ޒަމާނީ ވަޞީލަތްތަކާ އެކު ދެ ބުރިއަށް ކުރާ އިމާރާތެކެވެ. އެތަނުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާ އެކު އައިސީޓީ ލެބޯޓަރީއެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން، މީޓިން ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ފަދަ ތައުލީމީ މަރުކަޒަކަށް ބޭނުންވާނެ އެންމެހާ މުހިންމު ވަސީލަތްތައް އެތަނުގައި ގާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަންއިން މިހާރު ވެސް ހއ.ދިއްދޫ، ރ. އަލިފުށި، ނ. ވެލިދޫ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގައި މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































