
މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ)އެވެ.
އެ ދެ މީހުން ހައްޔަރުކުރީ މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މި ޚިދުމަތާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































