ހއ. މުރައިދޫގައި ސަރުކާރުން ތަރައްޤީކުރަމުންދާ ފުޓުބޯޅަ ދަނޑުގެ ނުނިމި ހުރި ބައިތައް ފުރިހަމަކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން މިހާރު ވަރަށް ހަލުވިކަމާ އެކު ކުރިއަށް އެބަގެންދެއެވެ.

އެމްޓީސީސީއިން މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ދަނޑުގެ ބާކީ ހުރި މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ ބާރު ސްޕީޑެއްގައި ކުރިއަށްދަނީ ވަށާފާރު ރޭނުމުގެ މަރުޙަލާއެވެ. ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް މުރައިދޫގައި ކުރެވޭ މި މަސައްކަތުގެ އިތުރުން، އެމްޓީސީސީން އަންނަނީ އެ ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ހިންގަމުންކަން ފާހަގަކުރެވެއެވެ.

މުރައިދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ހެދުމުގެ ގިނަ މަޝްރޫޢުތަކެއް މިއަދުގެ ސަރުކާރުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން، ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ފަށައި، މަޑުޖެހިފައި ހުރި ދަނޑުތަކުގެ މަސައްކަތްތައް އަލުން ފެށުމާއި، މުޅިން އަލަށް ފަރުމާކޮށްގެން ކުރިއަށްގެންދާ ކުޅިވަރު ދަނޑުތަކުގެ މަޝްރޫޢުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

Leave a Reply