މި ވަގުތު ރާއްޖޭގެ އިގްތިސޯދު 0.1 % ދަށްވާނެ ކަަމަށާ ނަމަވެސް ހަނގުރާމައަށްފަހު ރާއްޖޭގެ އިގްތިސޯދު 3.0% ރަނގަޅުވާނެ ކަމަށް އޭޝިއަން ޑިވްލޮޕްމަންޓް ބޭންކުން އަންދާޒާކޮށްފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) އެޕްރީލް 2026″ ރިޕޯޓުގައިވާ ގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި، ތެލުގެ އަގަށާއި، ދައުލަތުގެ މާލީ ހާލަތަށް ކުރާ ނޭދެވޭ އަސަރުތަކާ އެކު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް އޭޑީބީން ލަފާކޮށްފިއެވެ.

އޭޑީބީއިން ބުނީ 2025 ވަނަ އަހަރު 5.4% ގައި ހުރި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން، މިއަހަރު (2026) 1.0% އަށް ދަށްވާނެއެވެ. ނަމަވެސް، 2027ވަނަ އަހަރު ފަތުރުވެރިކަން ރަނގަޅުވެ، ތެލުގެ އަގު ހަމައަކަށް އެޅުމުން މި އަދަދު 3.0% އަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

އޭޑީބީއިން ބުނި ގޮތުގައި އިމްޕޯޓް ކުރާ ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، މިއަހަރު އިންފްލޭޝަން 5.0% އަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.

އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އެޕްރީލް 2 މަހު ރާއްޖެއިން ވަނީ ކާމިޔާބުކަމާ އެކު ސުކޫކް ފައިސާ އަނބުރާ ދައްކާފައެވެ. ނަމަވެސް، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ބަޖެޓަށް ބާރުބޮޑުވެ، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން ވަނީ ކޮންމެހެން މަޖުބޫރުވެފައެވެ.

އަދި ސުކޫކް ދެއްކުމަށްފަހު ރާއްޖޭގެ ރިޒާވް ކުޑަވުމަކީ، ބޭރުން ދިމާވާ މިފަދަ އިގްތިސާދީ ލޮޅުންތަކުން ސަލާމަތްވުމަށް އޮތް ހުރަހެއްގެ ގޮތުގައި އޭޑީބީން ފާހަގަކުރެއެވެ. އަދި 2025ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު ފަތުރުވެރިން އައި އަދަދު 10% އިތުރުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު ވަނީ މަދުވެފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިއަހަރު ފަތުރުވެރިން އަންނަ މިންވަރު ކުރިން އުންމީދުކުރި ވަރަށް ވުރެ މަޑުޖެހޭނެ ކަމަށް ބެލެވެއެވެ.

Leave a Reply