ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ މަޤުޞަދުގައި، މިއަހަރުގެ ޙައްޖު މޫސުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފުރިހަމަކޮށްފިއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ހާމަކުރެއްވި ގޮތުގައި، ޙައްޖަށް ފުރާ ފަރާތްތަކުގެ ވިސާގެ ކަންކަން މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މީގެ އިތުރުން، ދިވެހިން ތިބުމަށް މައްކާގައި ހަމަޖައްސާފައިވާ ހޮޓާ އިތުރަށް ފުރިހަމަކޮށް މަރާމާތުކުރުމުގެ މަސައްކަތް ވެސް އިމާރާތުގެ ވެރިފަރާތާ ގުޅިގެން ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ. މި ހުރިހާ ކަންކަމެއް ވެސް ގާތުން ބައްލަވައި، ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަ ވަނީ އިރުޝާދު ދެއްވަމުންނެވެ.

ފާއިތުވި އަހަރުގެ ތަޖުރިބާއަށް ބިނާކޮށް މިއަހަރުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ޝަކީލް ފާހަގަކުރެއްވިއެވެ. އެގޮތުން، މިދިޔަ އަހަރު މިނާގައި ފާޚާނާގެ ދަތިކަން ކުރިމަތިވި މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން، ސަޢުދީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކަށްފަހު، ފާޚާނާގެ ޢަދަދު ހަތަރު ނުވަތަ ފަހަކަށް އިތުރު ކުރެވިފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. ސަޢުދީ ސަރުކާރުން ދިވެހިންނަށް ދެއްވާ މިފަދަ އެއްބާރުލުންތަކަށް ޝަކީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދަތުރުފަތުރުގެ އިންތިޒާމުތަކަށް ބަލާއިރު، ޙައްޖު މިޝަންއާއި އެޑްވާންސް ޓީމު މެއި މަހުގެ 4ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާއިރު، ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް އޮންނާނީ މެއި މަހުގެ 15 ގައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ސަޢުދިއާ އަދި މޯލްޑިވިއަން މެދުވެރިކޮށެވެ. މައްކާއިން މަދީނާއަށް ދިއުމަށް މިއަހަރު ވެސް ހައިސްޕީޑް ރޭލު ބޭނުންކުރާއިރު، ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މަދީނާއިން ފުރައިގެންނެވެ.

Leave a Reply