މާލެ ސިޓީ ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން މާލޭގެ މަގުތަކުގައި ދާދި ފަހުން ހަރުކުރި މަގުތަކުގެ ނަން ބޯޑުތަކުގައި ބޮޑެތި އިމްލާކުށްތަކެއް ހުރުމުގެ ސަބަބުން، މޭޔަރު އާދަމް އާޒިމަށާއި ކައުންސިލްގެ އިދާރާއަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާންމުންގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވާއިރު، މާލޭގެ ބައެއް މައި މަގުތަކުގެ ނަންތައް ލިޔެފައި ވަނީ މުޅިން ނުބައިކޮށެވެ. އެގޮތުން “ލޮނުޒިޔާރަތް މަގު” ގެ ބަދަލުގައި “ލޮނުޒިޔާރައިމަގު” ލިޔެފައިވާއިރު، “މާފަތްތަކުރުފާނު މަގު” ގެ ބަދަލުގައި ބޯޑުތަކުގައި ޗާޕުކޮށްފައި ވަނީ “މާފައިތަކުރުފާނުމަގު” ގެ ގޮތުގައެވެ. މިފަދަ ފާޅުކަންބޮޑު ކުށްތަކާ އެކު ބޯޑުތައް ހަރުކުރުމުގެ ކުރިން އެއްވެސް ވަރަކަށް ޗެކްކޮށްފައިނުވާކަމަށް އާންމުންދަނީ ބުނަމުންނެވެ.

ދައުލަތުގެ ބޮޑު ބަޖެޓަކުން ހަރަދުކޮށްގެން ނާގާބިލު ބަޔަކާ މިފަދަ މުހިންމު މަސައްކަތެއް ހަވާލުކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާނު ވަނީ މިއީ ދިވެހި ބަހަށް ކުރަފިއެރުވުމުގެ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ކައުންސިލްގައި ތަންދޮރު ދަންނަ ބަޔަކު ނެތީތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން، މަޝްހޫރު ބަހުގެ ތަޖުރިބާކާރު އިމާދު ލަތީފް ފަދަ ބޭފުޅުން ވެސް ވަނީ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

ސިޓީ ކައުންސިލްގެ ހިންގުން މިހާ ދޯދިޔާވެފައިވާތީ އާންމުން ދަނީ މިކަމުގެ ޒިންމާ ނަގާނީ މޭޔަރު އާޒިމްތޯ ނުވަތަ މަސައްކަތްކުރި ބިދޭސީންތޯ ސުވާލުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ވަކި ބަޔަކަށް މާލީ މަންފާތަކެއް ހޯދައިދިނުމުގެ ނިޔަތުގައި ގަސްދުގައި ހިންގާފައިވާ ކަމަކަށް ވުން އެކަށީގެންވެއެވެ. މި ބޯޑުތައް އިސްލާހުކުރުމަށް އަނެއްކާވެސް ދައުލަތުގެ ފައިސާ ބޮޑުތަނުން އިސްރާފުވެގެންދާނެކަން ރައްޔިތުން ފާހަގަކުރެއެވެ.

Leave a Reply