ކ. މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމެވެ.

އޭގެ އިތުރުން އައުޓް ފޯލް އެޅުމާއެކު ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން އެ މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވެސް ހިމެނެ އެވެ.

އެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 186008682 ރުފިޔާ އަށެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރީގައި އޮތް މާފުށިން އަލަށް ހިއްކި ސަރަހައްދުގައި ވެސް ގެސްޓު ހައުސްތައް ހެދުމަށް ވަނީ ނިންމައިފަ އެވެ.

Leave a Reply