
މަސްތުވާތަކެއްޗާ އެކު ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ހަނިމާދޫ / ނަޞްރު، މުޙައްމަދު ޝާކިރު (47އ)، އަދި ހދ. ކުޅުދުއްފުށި / މޫންރީފް، މުޙައްމަދު އިބްރާހީމް (38އ) ކަމަށެވެ.
މި ދެ މީހުން ހައްޔަރުކުރެވުނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު މުޙައްމަދު އިބްރާހީމްގެ އަތުން ފެނިފައިވާތީ ކަމަށާއި މުޙައްމަދު ޝާކިރުގެ އަތުން ރަބަރު ޕެކެޓެއް ފެނިފައިވާތީ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް (38އ) ހަތްދުވަހަށް އަދި މުޙައްމަދު ޝާކިރު (47އ) ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































