ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 7 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޤައުމީ ދިފާޢީ ބާރުން ބުނީ، ކުރިން މި ފުރުޞަތު ބަންދުވާގޮތަށް ހަމަޖެހިފައި އޮތީ މިމަހުގެ 5ވަނަ ދުވަހަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތަކެއް ދިމާވުމާ އެކު، ގިނަ ބެލެނިވެރިންތަކެއް ވަނީ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. އެހެންކަމުން ދިފާޢީ ވުޒާރާއިން މިހާރު ވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ފޯމު ބަލައިގަންނަ ގޮތަށް ހަމަޖައްސަވާފައެވެ.

އަންނަ މެއި މަހުގެ ފަހު ހަފްތާގައި ފެށުމަށް ތާވަލުކޮށްފައިވާ މި “ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ” ޖުމްލަ 3 މަސްދުވަހަށް ދެމިގެންދާނެއެވެ. ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ހިންގާ މި ޕްރޮގްރާމުން ޖާގަ ލިބޭނީ މެޑިކަލް އަދި ފިޒިކަލް ސްކްރީނިންގގެ އިތުރުން އެޕްޓިޓިއުޑް ޓެސްޓަކާއި އިންޓަވިއުއަކުން ފާސްވާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ޚާއްޞަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ތަމްރީނު ފުރިހަމަކުރުމުން ތަފާތު ފަންނީ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ފަންނީ ތަމްރީނުތަކަށް ނުހޮވޭ ފަރާތްތަކަށް ވެސް، އެކުދިން ޝައުޤުވެރިވާ ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ސަރުކާރުން ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު އީމެއިލްގެ ޒަރީއާއިންނާއި، ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއަށް ހުށަހެޅޭނެއެވެ.

Leave a Reply