
ވައިގެ މަގުން އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، މި މަހުގެ ފުރަތަމަ ދުވަހު ވައިގެ މަގުން އެތެރެކުރަން އުޅުނު 2.1 ކިލޯގެ މަސްތުވާތަކެތި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މުއައްސަސާއިން ހާމަކޮށްފައިވާ ގޮތުގައި، މިމަހުގެ އެއްވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިފެހެއްޓި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ‘ހަޝިޝް އޮއިލް’ އެވެ. މިގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2174 ގްރާމް ހުރިކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹01 އޭޕްރީލް – 2174 ގްރާމް ހަޝިޝް އޮއިލް
🔸މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ އިތުރު pic.twitter.com/jhJxt9DCYF
— Maldives Customs Service (@CustomsMv) April 6, 2026
ދިވެހިރާއްޖޭއަށް ގާނޫނާ ޚިލާފަށް އެތެރެކުރަން މަސައްކަތްކުރާ މިފަދަ ތަކެތި ހުއްޓުވުމުގެ މަގުސަދުގައި، ދައުލަތުގެ އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކަސްޓަމްސް އިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































