
ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކުރި 4000ފްލެޓްތަކުގެ ތެރެއިން “އަމާން އުދަރެސް”ގެ ފްލެޓެއްގައި ހުރި ބިދޭސީ ލޭބާކުއާޓާއެއް ނަގައިފިއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެފްޑީސީގެ އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުން ހިންގި އިންސްޕްކެޝަންގެ ތެރެއިން އެ ލޭބާ ކުއާޓާ ފާހަގަކުރެވިގެން އެ ފްލެޓްގެ ވެރި ފަރާތް 50،000ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަސް ތެރޭ އެ ލޭބާ ކުއާޓާ ނަގަން އޮތީ އަންގައިފައެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު “ދެން”އަށް ވިދާޅުވީ އެ ލޭބާ ކުއާޓާ ނަގަން އެންގިތާ ދިހަވަނައަށްވީ ދުވަހު އެފްޑީސީން އިންސްޕެކްޝަން ހިންގި ކަމަށާއި އޭރު އެތަނުން ލޭބާ ކުއާޓާ ނަގާފައިވާ ކަމަށެވެ.
އަދި އެ ތަނުގެ މިހާރު ދިރިއުޅެމުންދަނީ ފްލެޓުގެ ވެރިފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިން ކޮޓަރީގެ އެ ފްލެޓުގައި ލޭބާ ކުއާޓާ ހަދައިގެން އުޅެމުންދިޔައީ ނޭޕާލް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ތަރައްގީކުރާ ތަންތަން ކުއްޔަށް ދިނުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































