
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެ ޕާޓީގެ އިސް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހީމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދު ހަމަޖެއްސުމަށް، ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
ގައުމީ މަޖިލީހަށް ހުށަހެޅުނު މި ގަރާރު ފާސްވެފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެ އިތުރުން، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ކުރީގެ ރައީސުން ދެމިތިއްބަވާހާ ހިނދަކު، އެ ބޭފުޅުންނަށް ގައުމީ މަޖިލީހުން ޖާގަ ލިބޭ ގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް، މި ބަދަލު ގެނައުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރަން ޖެހޭތީ، ކުރިއަށް އޮތް ކޮންގްރެސްއަށް އެ ކަން ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.
ޕާޓީގެ އެންމެ އިސް ދެ ލީޑަރުންނަށް މި ފުރުސަތުދީފައި މި ވަނީ، އެމްޑީޕީގެ އެތެރޭގައި ދާދި ފަހުން އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކަށް ނިމުމެއް އައިސްފައިވާކަން ރައީސް ސޯލިހު އިއުލާނުކުރައްވާފައި ވަނިކޮށެވެ. މައްސަލަތައް ފެންމަތިވެގެން ދިޔައީ، އެ ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. އެކަމާ ހިތްހަމަނުޖެހި، ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.
އެ ކޯޅުންގަނޑުގެ ތެރެއިން، ނަޝީދަށް ވަފާތެރިވާ ކަމަށް ތުހުމަތުކުރެވުނު ބައެއް ބޭފުޅުން ވަނީ ޕާޓީގެ މަގާމުތަކުން ވަކިކޮށްފައެވެ. ހަމައެއާ އެކު، އިންތިޚާބުގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް ނަޝީދު ދެކޮޅުހެއްދެވި ކަމަށް ޕާޓީގެ ލީޑަރޝިޕުން ތުހުމަތުކުރިއިރު، ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދިޔައީ ކާމިޔާބީގެ އަސްލަކީ އެމަނިކުފާނު ކެމްޕޭނަށް ނުކުމެވަޑައިގަތުން ކަމަށެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































