ނިމިދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބުމުގެ ސަބަބުން، ދެވަނަ ބުރެއް ބާއްވަން ޖެހިފައިވާ ފަސް ދާއިރާއެއްގައި ވޯޓުލާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހުޅުވާލަން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު އަލުން ވޯޓުލުން ކުރިއަށް ގެންދާނީ ކައުންސިލް އިންތިޚާބުގެ ދެ ގޮނޑިއަކާއި ޑަބްލިއުޑީސީ އިންތިޚާބުގެ ތިން ގޮނޑިއެއްގައެވެ. އެއީ ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާއާއި ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ އިތުރުން، ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސް ކަމުގެ މަޤާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑިއެވެ. އީސީން ހާމަކޮށްފައިވާ ގޮތުގައި މި ދާއިރާތަކުގައި އަލުން ވޯޓުލާން ޖެހުނީ، އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުންނަށް ހަމަހަމައަށް ވޯޓު ލިބިފައިވުމާ ގުޅިގެންނެވެ.

މިމަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓަށް ބިނާކޮށް މި ފަހަރުގެ ވޯޓުލުން ކުރިއަށް ގެންދާއިރު، އައު ލިސްޓަށް އިތުރު ވާނީ އެ ދުވަހުގެ ފަހުން 18 އަހަރު ފުރުނު ޒުވާނުން އެކަންޏެވެ. އެގޮތުން، އުމުރުފުރާއަށް އައި މި ބަދަލާ އެކު މި ފަސް ދާއިރާއިން އަލަށް ހަތް މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.

Leave a Reply