
ނިމިގެންދިޔަ އިންތިޚާބުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އުފަލާ އެކު ބަލައިގަނެ، ސަރުކާރުގެ މިސްރާބު ރައްޔިތުންގެ އެދުމާ އެއްގޮތަށް ބައްޓަންކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވުމާ ގުޅިގެން، އެމަނިކުފާނަކީ ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް އިޙްތިރާމްކުރައްވާ ޑިމޮކްރެޓިކް ވެރިއެއްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ރައީސް މުޢިއްޒު ނުހަނު ފަރިތައެވެ. އަދި އެމަނިކުފާނަކީ ޢާންމުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވުމަށް އިސްކަންދެއްވާ އޯގާތެރި ލީޑަރެއްކަން ޢަމަލީ ގޮތުން ސާބިތުކޮށްދެއްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ނިންމުމަކީ ކޮންމެ ފަދަ ނިންމުމަކަށް ވިޔަސް އެކަމަށް އިޙްތިރާމް ކުރުމަކީ މަތިވެރި ސިފައެއްކަން ފާހަގަކުރައްވަމުން، ޝުޖާއު ވަނީ އޭނާގެ މާޒީގެ ސިޔާސީ ތަޖުރިބާއަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ކުރިން އޭނާ މަސައްކަތްކުރެއްވި ލީޑަރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ ރައްޔިތުންގެ ނިންމުންތައް ބަލައިގަތުން ކަމަށާއި، އޭގެ ބަދަލުގައި ފެންނަނީ ރައްޔިތުންދެކެ ކޯފާވެ، ނުރުހުންތެރިކަން ފާޅުކުރައްވާ މަންޒަރުކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ސަރުކާރުގެ ކާމިޔާބީއަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޢިއްޒަތްތެރި ރައީސް.ރައީސަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ،ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ވެރިއެއް.އަދި އެކަން އަމަލުން ދައްކަވަމުން ގެންދަވާ ވެރިއެއް.ރައީސަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ… https://t.co/IO2FwfclLC
— Ibrahim Shujau (@IbrahimShujaau) April 4, 2026
މެންބަރު ޝުޖާއު މިފަދައިން ޚިޔާލު ފާޅުކުރައްވާފައި މި ވަނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން ރައީސް ދެއްވި މެސެޖަކަށް ފަހުގައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ވޯޓުގެ ނަތީޖާ ނުހަނު އިޙްތިރާމާ އެކު ބަލައިގަންނަ ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙުކޮށް ރަނގަޅުކުރުމުގެ މަސައްކަތް މާތްﷲގެ މަދަދާ އެކު ކުރިއަށްގެންދަވާނެ ކަމަށެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































