ފަހަކަށް އައިސް މުޅި ރާއްޖެއަށް އާދަޔާޚިލާފަށް ހޫނުގަދަ ދުވަސްތަކެއް ކުރިމަތިވުމަށްފަހު، އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ، ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެންމެ ބޮޑަށް ވާރޭވެހޭނެކަމަށް ބެލެވެނީ ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށެވެ. މީގެ އިތުރުން، ބުދަ ދުވަހު އުތުރުގެ އަތޮޅުތަކަށް ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 4މޭލާއި 10މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެއެވެ. އަދި ދެކުނުގެ ސަރަޙައްދުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ވައިޖެހޭނީ ގަޑިއަކު 3މޭލާއި 10މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

މިހާރު ހިނގަމުން މިދަނީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ އާދަޔާޚިލާފަށް ހޫނުވާ ދުވަސްވަރެވެ. ފާއިތުވި މަހުން ފެށިގެން ފިނިހޫނުމިން މައްޗަށް ގޮސްފައިވާއިރު، ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި އިޙްސާސްކުރެވޭ ހޫނުމިން މިހާރުވެސް ހުރީ 37ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.

Leave a Reply