ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ހުޅުމާލޭގައި 3000ހައުސިން ޔުނިޓް އެޅުމަށް 200އަށް ވުރެ ގިނަ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާ ނަގައި އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި 2021ވަނަ އަހަރު އައްމަޓީގެ މައްޗަށް 42ދައުވާއެއް އުފުލި އެވެ. އެއީ ޖުމްލަ 65އަހަރުގެ ޖަލުގެ ހުކުމެއް އަންނަ ވަރުގެ ދައުވާތަކެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ އޭގެން އެއްވެސް ދައުވާއެއް އޭގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އެ ހުކުމާ ގުޅިގެން “ދެން”އިން ސުވާލުކުރުމުން ޕީޖީގެ އޮފިޝަލަކު ވިދާޅުވީ އެ ހުކުމް އިސްތިއުނާފްކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އައްމަޓީ މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައުސިން ޔުނިޓްތަކުހެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ފަހުން އޭނާ އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ. އެހެންވެ އޭނާ ހޯދަން 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ 2021ވަނަ ފެބްރުއަރީ މަހު ލަންކާއިން އެވެ. އަދި ދިވެހި ސިފައިން ގޮސް އޭނާ ރާއްޖެ ގެނައީ ޖެހިގެން އައި މަހުއެވެ.

އެ މައްސަލައިގައި އައްމަޓީގެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުން ކޯޓުގައި ދައުވާ ކުރުމުން އެ ދައުވާކުރި 203މީހުންނާއެކު ކޯޓުން ބޭރުގައި ސެޓުލްމެންޓު އެއްބަސްވުމެއް ހަދައި 45މިލިއަން ރުފިޔާގެ ބަދަލު ކަނޑައަޅައި އެ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުން ފުލެޓު ގަތުމަށް ފުރުސަތު ލިބޭ ގޮތަށް މައްސަލަ ނިންމާފައިވެއެވެ.

Leave a Reply