
ރޯދަމަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ، މިއަދުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އަމަލުކުރާ ހާއްސަ އުސޫލެއްގެ ދަށުން، ބޭންކުތަކަށް އާންމުއުސޫލުގެ ދަށުން ވިއްކާ ޑޮލަރުގެ މިންވަރު 32ޕަސެންޓް އިތުރުކޮށްފައިވާ ކަމަށެވެ.
މިއީ ރޯދަމަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެ ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑު ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން އިތުރަށް ބުނީ، ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ. ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































