
ދިވެހި ފުލުހުންގެ ހިދުމަތުގެ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ރިޓަޔާކުރެއްވި އިސްމާއިލް ނަވީންގެ އަގު ވަޒަންކޮށްފިއެވެ.
ނަވީން ރިޓަޔާކުރައްވަން ހުށަހެޅުއްވީ މި މަހުއެވެ. އަދި މިދިޔަ ބުދަ ދުވަހުން ފެށިގެން ފުލުހުންގެ ހޮވަގުތީގޮތުން ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.
ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ނަވީން ރިޓަޔާކުރެއްވުން ފާހަގަކޮށް އޭނާ ،ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނަވީން ރިޓަޔާކުރެއްވީ ފުލުހުންގެ ހިދުމަތުގައި 32އަހަރު ހޭދަކުރެއްވުމަށް ފަހުއެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ޝުޖާއު ރިޓަޔާކުރެއްވުމާ ގުޅިގެން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަންކުރީ މިދިޔަ ޖޫން މަހުއެވެ.
ނަވީން ރިޓަޔާކުރައްވަން ނިންމެވި އިރު ނަވީންއާ އެކު ޕޮލިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ނޮވެމްބަރު މަހު އޮތީ ފާސްކޮށްފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































