ރާއްޖޭގައި އުފައްދައި ވިއްކަމުންދާ ޕްރިމިއަމް ފެނުގެ ބްރޭންޑެއް ކަމަށްވާ ހޭންޑީ ވޯޓާގެ ފެންފުޅިތަކަކުން ޖަރާސީމު ފެނިގެން އޭގެ ބައެއް ވައްތަރުގެ ފުޅިތައް ބޭނުންނުކުރަން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެނުގައި ހުރެގެން ނުވާނެ ޖަރާސީމު ފެނުނީ ހޭންޑީ ވޯޓާގެ 300އަދި 500މިލި ލީޓަރުގެ ބިއްލޫރި ފެންފުޅިތަކާއި އަދި އެއް ލީޓަރުގެ ބިއްލޫރި ފެންފުޅިތަކުން ކަމަށެވެ.

އަދި އެ ފުޅިތަކުގައި ހުރި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންވެ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އެ ފުޅިތަކުން ފެނުނީ ކޮން ވައްތަރަެއްގެ ޖަރާސީމެއްކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

ހޭންޑީ ވޯޓާ ބޮޑަށް ސަޕްލައިކުރަމުން ދަނީ ގެސްޓު ހައުސްތަކާއި ރިސޯޓުތަކަށެވެ.

Leave a Reply