މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓު ހިމެނޭހެން 3 ވޯޓު ކަރުދާސްކޮޅު ދޫނުކުރާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ރޭ ބުނެފައިވަނީ ކޮންމެ މީހަކަށް 3 ވޯޓު ކަރުދާސް ދޫކުރާނެ ކަމަށެވެ. ނަމަވެސް ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސް ނުދޭނެ ކަމަށެވެ. އަދި އޮބްޒާވަރުންގެ ކުރިމަތީގައި އެކަން އިއުލާނު ކުރާނެ ކަމަށްވެސް ބުންޏެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބުނީ މިއަދު ނަގާ 3 ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫކުރުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

“މިއީ ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއް. މިކަމަކީ ސަރުކާރުގެ މުވައްޒަފުންނަށް ބިރުދައްކައި، އެމީހުންގެ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އީސީން ކޮށްދޭ ކަމެއްކަމަށް ތުހުމަތު ކުރަން،” އެމްޑީޕީން ބުނެފައިވެއެވެ.

އެކަން އެގޮތަށް ނުކުރުމަށް އެމްޑީޕީން ވަނީ އީސީއަށް ގޮވާލާފައެވެ.

Leave a Reply