
ދެ ފަރާތުން ދެމުން އައި ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސްއިން ހެދި އެއްބަސްވުމާ އެކު ހަމަލާތައް މެދުކަނޑާލުމަށް ފަހު، މިފަހުން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އެކަން ހުއްޓުވަން ރާއްޖޭން ގޮވާލައިފި އެވެ.
ހަމަލާތައް ހުއްޓާލުމަށް ނިންމައި އިޒްރޭލާއި ހަމާސްއިން ގައިދީންނާއި ރަހީނުން މިނިވަންކުރަން އެއްބަސްވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ގައިދީންނާއި ރަހީނުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރި އެވެ. އެހެންނަމަވެސް ރަހީނުކޮށްފައިވާ އިޒްރޭލުގެ ހުރިހާ މީހުން ދޫކޮށްލުމަށް އެ ގައުމުންނާއި އެމެރިކާއިން ކުރި ޝަރުތުތަކަށް ހަމާސްއިން އެއްބަސްނުވާ ކަމަށް ބުނެ މިފަހުން އަނެއްކާވެސް ވަނީ ގާޒާއަށް ހަމަލާތައް ދޭން ފަށާފަ އެވެ. އެ ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް މި ރޯދަ މަހު އިޒްރޭލުން ދެމުން އަންނަ އުދުވާނީ ހަމަލާތަކަކީ، ހަމަލާތައް ހުއްޓާލުމަށްވި އެއްބަސްވުމުގެ އިތުރުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި 400 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ވެސް ފާހަގަކުރި އެވެ.
އިޒްރޭލުން ދެމުން އަންނަ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓުވައި، ގާޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ އެކު، އެ ގައުމުގެ އަނިޔާވެރި އަމަލުތަކަށް ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅަން ރާއްޖޭން ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރުކޮށްފަ އެވެ.