މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ގުންޒަރަކީ ހުރިހާ މަސްވެރިން އެތަންވެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާ އެކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑުކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާއަތް ރާއްޖޭގައި އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދެވޭ ކަހަލަ ގޮތަކަށްކަމަށާއި އެގޮތަށް ކުރިއަށްގެންދިއުމުގަ ގޮންޖެހުންތަކެއް ސަރުކާރަށްވެސް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް މަހުގެ އަގު ސަރުކާރުން ކަނޑައަޅާ އޭގެ ސަބަބުން ބޭރުގެ މާކެޓްތަކުގަ އުނދަގޫވާ ހާލަތްތަކުގައި ސަރުކަރުގެ ކޭޝް ފްލޯއަށްވެސް ދަތިވާ ފަހަރު އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ވެރިކަމުގެ ފަސް އަހަރު ތެރޭ ރައީސް މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

Leave a Reply