ގުޅިފައިވާ ރަށްތަކަކާއި ހުޅުމީދޫގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީގެ ވަކިވަކި ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ހަދަން ސަރުކާރުން އުޅެނީ އައްޑޫ ބައިބައިކުރަންކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ރަށްތަކަށް ވަކިވަކި ކައުންސިލްތައް ހަދަން މަސައްކަތްކުރަނީ އެ ސިޓީގެ އެކި ރައްޔިތުން އެކަމަށް އެދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އަދި އެކަމާ ގުޅިގެން އައްޑޫ ފޭދޫ، އައްޑޫ މީދޫ، އަދި އައްޑޫ ހުޅުދޫގައި ވަކިވަކި ކައުންސިލްތައް ހެދުމަށް އެ ރަށްރަށުގެ ރައްޔިތުން ދެކޭގޮތް ބަލަން ފެންނަ ނުފެންނަ ވޯޓު މި މަހުގެ 25ގައި އޮންނާނެ އެވެ.

އެކަމާ ގުޅިގެން މޭޔަރު ނިޒާރު ފެސްބުކްގައި ވިދާޅުވީ އައްޑޫ ސިޓީ ރޫޅާލަން ނަގާ ވޯޓަކީ ރައީސް މުއިއްޒަށް ދެއްވާ ވޯޓެއް ކަމަށާއި  އައްޑޫ ރޫޅާލަން ވޯޓު ނަގަން ނިންމެވީ ވެސް ރައީސް ކަމަށެވެ.

“ސަރުކާރަށް ދެ އަހަރު ވެފައިވާއިރު އައްޑޫގެ ތަރައްގީއަށް ރައީސް ވެވަޑައިގެންނެވި ވައުދުތަށް ފުއްދުމަށް ނުކުޅެދިފައިވާއިރު މި ފަދަ ބޭކާރު ކަންކަމުގެ ތެރެއަށް ރައްޔިތުން ގެންދަނީ ރައްޔިތުން އޮޅުވާލައި ބައިބައި ކުރުމަށް”ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ހުޅުމީދޫއާއި ގުޅިފައިވާ ރަށްތަކާ ގުޅާލަން ބުރިޖެއް އަޅަން މި ސަރުކާރުން ވައުދުވެފައިވާ އިރު އެ މަޝްރޫއާ ބެހޭ މާބޮޑު އަޑެއް މިހާރު ނީވެއެވެ.

އެކަމަށް އިޝާރާތްކޮށް ނިޒާރު ވިދާޅުވީ އެ ވައުދުގެ ވާހަކަ ހަދާން ނެތިފައިވާކަމަށް ސަރުކާރުން ދެކެގެންނުވާނެ ކަމަށެވެ.

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭގޮތުން ނަގާ ވޯޓުގައި ރައްޔިތުން ނިންމާގޮތް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

Leave a Reply