
މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 89މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ. އަދި އެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)އިން މިދިޔަ އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން ވަނީ ލޯނުދޫކުރަން ފަށައިފައެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ލޯނު ދޫކުރަން ފެށިފަހުން ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89މަސްވެރިއަކަށް ވަނީ ލޯނު ދީފައިވާ ކަމަށާއި އެ ލޯނުތައް ދޫކުރަމުން ދަނީ، ބީއެމްއެލް މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެ އާ އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ލިބޭނެއެވެ.
މުއައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ގައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފައެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































