2026 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ކިޔުމަށް ރަޝިއާގެ ވެރިރަށް މޮސްކޯއިން ކެތްމަދުވެފައިވާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެއް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ލަވްރޯވް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރު ރައީސް ލަޑިމިއަރ ޕޫޓިން އިންޑިއާއަށް ކުރެއްވި ޒިޔާރަތަށްފަހު ދެ ގައުމުގެ ސްޓްރެޓީޖިކް ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 100 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޮސްކޯގައި އޮތް “ރަޝިއާ އެންޑް އިންޑިއާ: ޓުވަރޑްސް އަ ނިއު އެޖެންޑާ ފޯ ބައިލެޓަރަލް ރިލޭޝަންސް” ކޮންފަރެންސްގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ލަވްރޯވް ވިދާޅުވީ، 2026 ވަނަ އަހަރު ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ރަޝިއާ އިން އުއްމީދުކުރާ ކަމަށެވެ.

މި ގުޅުމަކީ ވަގުތުގެ އިމްތިހާނުތަކުން ފާސްވެފައިވާ ގާތް އެކުވެރިކަމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މިއީ ހަމަހަމަކަމާއި، އިތުބާރާއި، އެއް ގައުމަކުން އަނެއް ގައުމެއްގެ މަސްލަހަތަށް އިހުތިރާމްކޮށްގެން ދައުލަތްތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ނަމޫނާއެއް ކަމަށްވެސް ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ޕޫޓިން އިންޑިއާއަށް ކުރެއްވި ޒިޔާރަތާއެކު ދެ ގައުމުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް އެއްގޮތްކަން ކަށަވަރުވެ، ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނުކަން ލަވްރޯވް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މުހިންމު ސިޔާސީ ލިޔެކިޔުންތައް ހިމެނެއެވެ.

އިގްތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަދަދު 60 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ލީޑަރުންގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 100 ބިލިއަން ޑޮލަރަށް ގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.

މި ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި ލޮޖިސްޓިކްސް، ޓެކްނޮލޮޖީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރާނެ ކަމަށް ލަވްރޯވް ވިދާޅުވިއެވެ. މީގެ ތެރޭގައި އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓް ކޮރިޑޯއާއި ނޮދަން ސީ ރޫޓް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން، މިހާރުވެސް ދެ ގައުމުގެ ވިޔަފާރީގެ 96 އިންސައްތަ މުއާމަލާތް ކުރަނީ ދެ ގައުމުގެ އަމިއްލަ ފައިސާއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ގެންގުޅޭ މިނިވަން ޚާރިޖީ ސިޔާސަތަށާއި، ގައުމީ މަސްލަހަތަށް އިސްކަންދޭ އުސޫލަށް ލަވްރޯވް ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގައި އިންޑިއާގެ ނުފޫޒު ދަނީ އިތުރުވަމުން ކަމަށާއި، އިންޑިއާއަކީ 21 ވަނަ ގަރުނުގެ ބޮޑު ބާރެއް ކަމަށެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި، ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް، އެމެރިކާއާއި އިޒްރޭލުގެ ސަބަބުން ފާރިސީ ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބްރިކްސް (BRICS) ގެ ރިޔާސަތު އިންޑިއާއިން ބަލަހައްޓާއިރު، ރަޝިއާއިން އިންޑިއާއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެ ލަވްރޯވްގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

Leave a Reply