ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދެބަސްވުމަކީ ޢާއިލީ މައްސަލައެއް ނޫންކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯއްޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން އެ ދެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަކީ ޢާއިލީ އަރައިރުމެއްގެ ގޮތުގައި ޞިފަކުރުމަކީ އެ ދެ ބޭފުޅުންގެ ވިސްނުމަށް ކުރެވޭ މަލާމާތެއްކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ވިސްނަންޖެހޭ ކަމަށާއި އެ ދެ ބޭފުޅުން އެކުގައި ތިއްބަވައި ގިނަ ކަންކަން ކާމިޔާބު ކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެއީ ގިނަ އަހަރުތަކެއް ވަންދެން ވަރަށް ގާތް ދެ ރަޙްމަތްތެރިން ކަމަށާއި މަދަރުސީ ދައުރުން ފެށިގެން ރާއްޖޭގެ ތާރީޚާއި ސިޔާސީ ކަންކަމާ އަދި ނޫސްވެރިކަމުގެ އިތުރުން ކުޅިވަރަށް ޝައުޤުވެރިވާ، އެ ދާއިރާތަކުން ވެސް ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ހަމައެހެންމެ މި ހާލަތުގައި މުހިއްމީ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ޕާޓީގެ އިސްވެރިން، ޕާޓީގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލު ކުރަން މަސައްކަތް ކުރުންކަމަށް ފަޒްނާ އަޙްމަދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާއެކު، އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމު ވަނީ މި ވަގުތަށް ހުސްކޮށެވެ. ޗެއަރޕާސަންގެ މަގާމަށް މީހަކު އިންތިޚާބު ކުރެވެންދެން، ވަގުތީ ގޮތުން ބޭފުޅަކު އެ މަގާމަށް ލުމަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ.

 

Leave a Reply