އިމިގްރޭޝަންގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއަކު އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާނު ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި ޝައްމާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން  މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އެހެން ފުލުހުން ބުނި ސަބަބަކީ، ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ވަނީ ޝައްމާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ގެންދިޔަ ފައިސާގެ ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާއެެއް ނުކުރެ އެވެ.

އެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ 3 އޮފިސަރަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *