ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާ ކަމުގެ ތުހުމަތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން ވަކިކުރި މުހައްމަދު ޝައްމާނު ވަހީދު ދިރިއުޅޭ ގެއިން ނަގުދު ފައިސާގެ ގޮތުގައި 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން “ދެން” އަށް އެނގިއްޖެ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން ޝައްމާނު އިއްޔެ ވަކިކޮށްފައިވާއިރު ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ މ. ސިލްވާލައިންގެ ބަލައި ފާސްކޮށްފަ އެވެ.

އެނގިފައިވާ ގޮތުން އެ ގެ ބަލައި ފާސްކޮށް ފުލުހުން ވަނީ ގާތްގަނޑަކަށް 4 ލައްކައެއްހާ ރުފިޔާ އާއި 8،000 ޑޮލަރުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ ބިދޭސީންގެ އަތުން ޝައްމާނު ފައިސާ ނަގާކަމުގެ މައްސަލަ ފެންމަތިވީ މިފަހުން ކަމަށެވެ. ފުލުހުންގެ ތަހުގީގު ފެށީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމުގައި ޝައްމާނު ފައިސާ ނެގި ކަމުގެ ތުހުމަތާ އެކުގަ އެވެ.

ޑިޓެންޝަން ސެންޓަރުން ބިދޭސީ މީހާާ ދޫކޮށްލުމުން އެ މީހާ އަތުން ފައިސާ ނަގަން ދިޔައީ ކޮންޓްރޯލަރުގެ ބިއުރޯގެ ދެ އޮފިސަރުންނެވެ. އެ މީހާގެ އަތުން ނެގި ފައިސާ ޝައްމާނު ދިރިއުޅެމުން އަންނަ ގެއަށް ގެންދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ބިދޭސީންގެ އަތުން ފައިސާ ނަގާ މައްސަަލައެއްގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ 2 އޮފިސަރުންގެ އިތުރުން އާންމުންގެ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *