
އިމިގްރޭޝަންގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއަކު އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ އަންހެނުން، ހިދާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް “ދެން” އަށް މިއަދު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ ދެ އޮފިސަރަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން ކޯޓުގެ އަމުރެއްގެ ދަށުން އާއިލާގެ މެންބަރެެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހިފެހެއްޓީ ޝައްމާނުގެ އަންހެނުންގެ ފޯނު ކަމެއް ފުލުހުން ނުބުނެ އެވެ.
ރިޝްވަތުގެ މައްސަލާގައި ޝައްމާނުގެ އިތުރުން އިމިގްރޭޝަންގެ ތިން އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޝައްމާނުގެ ބަންދަށް އިއްޔެ 15 ދުވަސް ޖަހާފައިވެ އެވެ. ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންނެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
އެހެން ފުލުހުން ބުނި ސަބަބަކީ، ރެއިޑްކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.
އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ފުލުހުން ވަނީ ޝައްމާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ގެންދިޔަ ފައިސާގެ ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާއެެއް ނުކުރެ އެވެ.