މީގެ އަހަރެއްހާ ދުވަސް ކުރިން ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްވުމަށް ޗައިނާއިން ދިވެހި ސަރުކާރަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އަލިފާން ރޯވީ އޭރު ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތުގައެވެ. އަދި އޭރު އެތަނާ ޖެހިގެން ހުރި އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން ދިޔަ ގްރީން ބިލްޑިންގުގައި ވެސް އަލިފާން ރޯވެފައިވެއެވެ.

ބޭނުން ނުކުރެވޭ ވަރަށް މި ވުޒާރާތަކުގައި އަލިފާން ރޯވެ އެތައް ލިޔެކިޔުމަކާއި އެތައް މުދަލެއް ވަނީ އަނދާ އަޅިއަށްވެފައެވެ. މި ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ޗައިނާއިން ދިވެހި ސަރުކާރާ މި އެހީ ހަވާލުކޮށްފައި ވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޗައިނާގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު، ކޮންގް ޒިންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ޗައިނާއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި އޮފީސް ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ.

 

Leave a Reply