ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް އެ ކޮމިޝަނުގެ މެންބަރުން ވޯޓު ލައިގެން މިއަދު އިންތިހާބުކޮށްފި އެވެ.

މި މަގާމުގައި ކުރިން ހުންނެވި މެމްބަރު މާފުށި ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން ރިޒާ މި މަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްކޮށެވެ.

ފުރަތަމަ އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ކޮމިޝަނުގައި އިންނަވާ  މަޖިލިސް މެންބަރަކަށް ހުސްނީ އައްޔަންކުރުމަށް ފާސްކޮށްފަ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒު ހުސްނީ ކޮމިޝަނަށް އައްޔަންކުރެއްވީ މިއަދެވެ.

މި ކޮމިޝަނަކީ ފަނޑިޔާރުންގެ ކަންކަން ބެލުމަށް ގާނޫނުއަސާސީގައި އެކުލަވާފައި އޮންނަ މުއައްސަސާއެކެވެ.

ކޮމިޝަނުގައި ތިއްބަވާނީ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، މަޖިލީހުގެ ރައީސްއާއި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، ބަންޑާރަ ނައިބު އާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްއާއި، ގާނޫނީ ވަކީލުން އިންތިހާބުކުރާ ވަކީލަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެކެވެ.

Leave a Reply