ފަރުޟު ނަމާދު ކުރާ ނަމަ، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ާޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ޝަހީމް މި ގޮތަށް އިމާމުންނަށް އިރުޝާދު ދެއްވައި އެދިވަޑައިގަތީ ފޭސްބުކްގައި ކުރެއްވި އެވެ.

ފޭސްބުކްގައި މިނިސްޓަރު އިތުރަށް ލިޔުއްްވީ ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރަން ވާނެ ކަމަށެވެ.

މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމަށް ވެސް މިނިސްޓަރު އިރުޝާދު ދެއްވި އެވެ.

އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީއާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށް މިނިސްޓަރު ލިޔުއްވި އެވެ.

އަދި އެއް ބަޔަކު އަނެއް ބަޔަކަށް ޤުރްއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމަކަށްވާތީ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މި ހާލަތުގައި ވެސް ބަންގި ގޮވާއިރު ތާޅަ ފިއްޔަށް އަޑު ދޭން ޖެހޭ ކަމަށާއި އެެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިޢުލާން ކުރުމަށް ކަމަށް ވިދާޅުވި އެވެ.

“ހަމަ މި ގޮތަށް ދަމު ނަމާދުގައްޔާއި ޖަމާޢަތުގައި ނަމާދުކުރާއިރު ރުކޫޢާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާޢަތުގައި ތިބޭނެ ކަމަށް ވިސްނުމާއި ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، ޢާއްމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާޢަތް ގެންދިއުމާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ނަމާދުކުރުމާއި މި ހުރިހައި ކަމަކީ ވެސް ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަމެވެ.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މި ގޮތަށް އިރުޝާދުތަކެއް ދެއްވި އިރު މި ފަހަކަށް އައިސް އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ރަށްރަށުގެ ފުޓުބޯޅަ ދަނޑުތަކާއި ބޮޑެތި ހުސް ބިންތަކުގައި ކުރެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *