ޖަރުމަނުވިލާތުގެ ފްރެންކްފަޓުން ސީދާ ރާއްޖެއަށް ކޮންޑޯގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަަލް އެއާޕޯޓުގައި މިއަދު ވަނީ ކޮންޑޯގެ ދަތުރު ފެށުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ބޯޓު ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދީފައިވެއެވެ.

ޖަރުމަނުގެ މަޝްހޫރު ލެއިޝަ އެއާލައިން، ކޮންޑޯއިން ފެށި މި ދަތުރުތަކަކީ ހޫނު މޫސުމާ ހަމައަށް ދެމިގެންދާނެ ދަތުރުތަކެކެވެ. މި ދަތުރުތައް އޮންނާނީ ހަފުތާއަކު ދެ ދުވަހު އެވެ. އެއީ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހުއެވެ.

މި ދަތުރުތަކުގައި ކޮންޑޯއިން ބޭނުންކުރަނީ އެންމެ ފަހުގެ އެއާބަސް 330ނިއޯ މަރުކާގެ ބޯޓުތަކެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ. މި ބޯޓުން 300ފަސިންޖަރުން އުފުލޭނެއެވެ.

ކޮންޑޯއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 1970ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. މި އެއާލައިންއަކީ ރާއްޖޭގެ ޓޫރިޒަމް ހުޅުވިގެން ދިއުމުގައި އެހީތެރިވި އެއާލައިންއެކެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10ގަައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުން މިދިޔައަހަރު 156,200ޓޫރިސްޓުން އައިސްފައިވެއެވެ.

Leave a Reply