
ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.
އަދި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.
ނަމަވެސް “ދެން”އަށް އެނގިފައިވާ ގޮތުން އެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމައްޗެެއް ނުލައެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައިވާކަން ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން މަތީ ރޭންކުން މަތީގެ ވަޒީފާއެއްގައި ހުރި ބޭފުޅަކަށްވުން ހިމެނެއެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ޝުޖާއު ރިޓަޔާކުރެއްވުމާ ގުޅިގެން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަންކުރީ މިދިޔަ ޖޫން މަހުއެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































