މި އަހަރުގެ ފިތުރު ޒަކާތަށް ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފިތުރު ޒަކާތް ބެހުމާ ގުޅޭގޮތުން ރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ފަގީރުންގެ ދަފުތަރުގައިވާ ކޮންމެ ފަރުދަކަށް ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ގޮވާމުން މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޒަކާތުގެ ފައިސާގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ފިތުރު ޒަކާތް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއް ހަމައަކުން ބެހުމަށް ނިންމާފަ އެވެ. އެގޮތަށް ޒަކާތް ބެހުމަށް ނިންމީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުން ކަމަށް މީގެކުރިން ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މީގެކުރިން ޒަކާތް ބަހަމުން އައީ އެ ރަށަކުން ލިބޭ އެއްޗެެއް، ހަމައެކަނި އެ ރަށެއްގެ ދަފްތަރުގައި ހިމެނޭ ފަގީރުންނަށް ލިބޭ ގޮތަށް ކަމުގަ އެވެ. ގެނައި ބަދަލާ އެކު މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި، ހުރިހާ އެންމެނަށް އެއްހަމައަކުން ފިތުރު ޒަކާތް ލިބޭނެ ކަމުގަ އެވެ.

މިއީ ރާއްޖޭގެ ފިތުރު ޒަކާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *