އެކަނިވެރި މަަޔަކަށް ޒަކާތު ފަންޑުން އެހީ ނުދިން ކަމަށް ކަމަށް ބުނާ ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދޮގުކުރައްވައިފި އެވެ.

ވިލިމާލޭގެ ރައްޔިތުންނާ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި އިރު އައިޝަތު އަލީ ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި އޭނާއަކީ ވަރަށް ހާލުގައި އުޅޭ މީހެއް ކަމަށާއި އޭނާއަށް ޒަކާތު ފަންޑުން އެހީވެސް ނުލިބޭ ކަމަށެވެ.

އޭނާ ބުނީ ޒަކާތު ފަންޑުން އެހީ ނުދިނީ އޭނާގެ އެކައުންޓުގައި ފައިސާ ރޯލުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް އެކައުންޓެއް ނުގެންގުޅޭ ބިދޭސީން ފަދަ މީހުންނަށް އޭނާގެ އެކައުންޓު މެދުވެރިކޮށް ފައިސާ ފޮނުވައިދީފައި ހުންނާނެ ކަމަށް އައިޝަތު ބުންޏެވެ.

ނަމަވެސް އައިޝަތުގެ ވާހަކަތައް ދޮގުކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކުގައި މިއަދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ވެސް އޭނާއަށް ޒަކާތު ފަންޑުން 15،000 ރުފިޔާ ދޫކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައިޝަތުއަށް އެކަނިވެރި މައިންނަށް ލިބޭ އެލަވަންސްއާއި ވަޒީފާ އަދާކުރާތީ މަހަކު 22 ރުފިޔާ އޭނާއަށް ލިބޭ ކަމަށެވެ. އަދި ފަގީރުންގެ ދަފްތަރަށް އޭނާ ނާރަނީ އެ ސަބަބާ ހުރެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

“އަދި އޭނާގެ އަތުގައި 75،000 ރުފިޔާ އެބަހުރި. މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން ޒަކާތު ހައުސްއިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މިއީ” ހިނިއައިސްފައިވާ އިމޯޖީއަކާއެކު މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

އައިޝާ ރޭ ބުނި ގޮތުގައި އޭނާގެ ފަސް ކުދިން ތިބޭއިރު އެމީހުން ދިރިއުޅޭ ތަނުގައި ފެންވެސް ނެތިގެން ފާހަނާކުރަން ދަނީ މޫދަށާއި މިސްކިތަށް ކަމަށެވެ.

Leave a Reply