ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މި އަހަރުގެ ޝިއާރު ބިނާވެފައިވަނީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށެވެ.

އެކަމަށް ރިއާޔަތްކޮށް ސާޖިދާ އެކްސްގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، އަނިޔާ ލިބޭ ކޮންމެ އަންހެން ކުއްޖަކާއި އަންހެނެއްގެ ހައްގުގައި ވަކާލާތު ކުރާ ކަމަށެވެ.

އަދި މިއަދުގެ މި ދުނިޔޭގައިވެސް ތަފާތުކުރުންތަކާއި، އަނިޔާއާއި އެކިކަހަލަ ގަނާގެ ޝިކާރައަކަށް އަންހެނުން ވަމުންދާކަމީ އެކަމާމެދު ވިސްނާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކޮށް އަންހެނުންނަށް ގޯނާ ކުރުމާއި ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށެވެ.

އަދި އެކަމުގައި އެންމެން އެކުގައި މަސައްކަތްކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މާހައުލަކަށް ހަދަންޖެހޭ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ އަންހެނަކަށްވެސް ކަރާމާތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ހުދޫދުގެ ތެރެއިން މިނިވަންކަމާއިއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.

“16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް” އަކީ އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ވެސް 25 ނޮވެމްބަރުން 10 ޑިސެމްބަރާއި ހަމައަށް ފާހަގަކުރާ ދުވަސްތަކެވެ.

Leave a Reply