
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ކިޔެވުމަށާ އަދި ލައިސަންސް ހޯދަން ކިޔެވުމުގެ 500 ފުރުސަތު ހުޅުވާލާފަ އެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލަށް ކިޔަވަން ފަށާ ދައިވަރުންނަށާއި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުސަތަށް އެދި އިއުލާނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑި އާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައި ނުވާ ދަރިވަރުންނެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ އިއުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން މަތީތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ދަރިވަރުންނެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތުގެ ތެރެއިން މިނިސްޓްރީން ވަނީ ޓޮޕްއަޕް ލޯނަށް ޖާގަތަކެއް ހާއްސަކޮށްފަ އެވެ. މިއީ އެ ލޯނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަން ޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ.
ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައި ވަނީ 7 ލައްކަ ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ. އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ދިނުމުގައި އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯކުރާ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެކަމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކާ އެކުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި ފެށޭ އެޕްރީލު މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ.
އިއުލާނުގައި ބުނި ގޮތުގައި ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމު ކަމުގަ އެވެ. އެއް އެޕްލިކޭޝަނަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި ނަމަ ނުވަތަ އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަންތައް ބާތިލުވާނެ ކަމުގަ އެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލިއިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީއާ ކޮމްޕްލަޔަންޓް” ލޯނުތަކަކަށް ހެދުމަށް އެ މިނިސްޓްރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ.
އެގޮތުން ލޯނާ އެކު ހިމެނިފައިވާ 1 އިންސައްތަ އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށާ އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރަން އަންގަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.